ދުނިޔޭގެ އުފަލާއި އަރާމަކީ ވަގުތީ ކަމެއް ކަމަށާއި މާތް الله ޙަރާމްކުރެއްވި މަގަކުން އެއިން އެއްވެސް ކަމެއް ހާސިލުނުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
"ފާޙިޝު ޢަމަލުތަކާ ދުރުހެލިވާށެވެ!" މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އިސްލާމްދީނުގައި ފާޙިޝު ކަންކަމޭ ކިޔަނީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމަކަށް ކަމަށާއި ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް ފާޙިޝު ޢަމަލުކުރުން މާތް الله ހަރާމްކުރައްވާފައިވާ ކަމަށެވެ. އަދި މުއުމިނުންގެ ތެރޭގައި އެކި ސިފަސިފައިގައި ފާޙިޝުކަންތައް ފަތުރާ މީހުންނަށް ދެ ދުނިޔޭގައި ވެސް ގަދަފަދަ ވޭންދެނިވި ޢަޒާބުހުރި ކަމަށް އަންގަވައި މާތް الله ވަހީކުރައްވާފައިވާ ކަމަށް ބުންޏެވެ.
މާތް الله ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
"ހަމަކަށަވަރުން، إيمانވީ މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި آخرةގައި ވޭންދެނިވި عذاب އެ މީހުންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ."
ފާޙިޝު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ފާފަވެރިވުން ބޮޑު، ޢަމަލުތަކުގެ ތެރޭގައި ޒިނޭއާއި ލިވާޠާއި ސިޙާޤު ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނީ, ފާޙިޝު ޢަމަލުތަކަކީ އޭގެ ސަބަބުން ޠާޢޫނުބައްޔާއި ވޭންދެނިވި އެތައް ބައްޔެއް ފެތުރޭ ކަމެއް ކަމަށެވެ. އެގޮތުން މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި އެޗް.އައި.ވީ ވައިރަހާއި އެއިޑުސް ބައްޔާއި މި ނޫނަސް ނުރައްކާތެރި އެތައް ބައްޔެއް އެންމެ ގިނައީ އެއްޖިންސުން ގުޅުން ހިންގާ ޒުވާނުންގެ ތެރޭގައިކަންވެސް ހުތުބާގައި ފާހަގަކުރެއްވި އެވެ.
ހުތުބާގައި ބުނީ, މާތް الله ދެ ޖިންސުން އިންސާނުން ޚަލްޤުކުރެއްވީ، އެބައިމީހުންގެ ނަސްލު ދެމެހެއްޓުމާއި ޙަލާލު ގޮތުގައި ޒަވާޖީ ޙަޔާތުގެ އުފާ ލިބިގަތުމަށް ޓަކައެވެ. އެގޮތުން މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
"ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ نفسތަކުން އަނބީން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރުހިންގާ ބަޔަކަށް އެ ކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."
ހުތުބާގައި ބުނީ, ފާޙިޝު ޢަމަލުތައް ފެތުރުނަނުދިނުމަށްޓަކައި މުސްލިމުން ކުރެ ތަނަވަސްކަން ހުރި މީހުން، އެ މީހުންގެ ޒުވާނުން ކުރެ ކާވެނިކުރުމުގެ ތަނަވަސްކަން ނެތް މީހުން ކާވަނިކުރުމަށް އެހީތެރިވުމަށް ދީން ބާރުއަޅާ ކަމަށެވެ. އަދި އެ ކަމަށް ކުޅަދާނަކަން ހުރި ކޮންމެ މީހަކު ކައިވެނިކުރުމަށް އިސްލާމްދީން ހިތްވަރުދޭ ކަމަށްވެސް ބުންޏެވެ.
މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
"އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކާވެނިކުރުމަށް ކުޅަދާނަކަންހުރި ކޮންމެ މީހަކު ކާވެނިކުރާހުށި ކަމެވެ. އަދި ކުޅަދާނަކަން ނެތް މީހާ ރޯދަހިފާހުށި ކަމެވެ. ފަހެ، އެއީ އޭނާގެ ޝަހުވާނީ އެދުންތަކުން އޭނާއަށް ރައްކާތެރިކަން ލިބޭނޭ ކަމެއްކަން ކަށަވަރެވެ."
މިއަދު ދުނިޔޭގައި ވިޔަފާރީގެ އުޞޫލުން ފާޙިޝު ޢަމަލުތައް ހިންގާ މީހުން ނުހަނު ގިނަކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެ މީހުން އެ ކަން ހިންގަނީ ޢާންމުކޮށް ފާޅުގައި ކަމަށާއި އެކިއެކި މަންސަތަކުގައި އަގުތަކާ އެކު އިޢުލާނުކޮށްގެން ކަމަށެވެ. އެގޮތުން އަހަރެމެންގެ ޤައުމު މިފަދަ ނުރައްކާތެރި ވަބާތަކުން ސަލާމަތްކުރުމަށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަންވެއްޖެ ކަމަށާއި ނޫން ނަމަ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ފާފަވެރިވުމުގެ އިތުރަށް ޖިންސީ ގޮތުން ފެތުރޭ ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށްވެ، މުޅި ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުންޏެވެ.











ކޮމެންޓް