ޑިސެމްބަރ 12, 2024

މާމުއި ހަނދުވަރުގެ ރޭތައް ނިމިއްޖެ: ފައްޔާޒް

މާމުއި ހަނދުވަރުގެ ރޭތައް ނިމިއްޖެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ އަނިޔާވެރިކަމާއި ހުދުމުހުތާރުކަން ”ހައްޔަރުކުރުމަށް“ ކުރެވެން އޮތް ހުރިހާކަމެއް މިހާރު ކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެފަދައިން ވިދާޅުވީ ސަރުކާރުގެ ކޮން ސިޔާސަތަކާ ގުޅިގެން ކަމެއް ފައްޔާޒް ވިދާޅެއްނުވެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައިވާއިރު، މާލޭ ސިޓީ ކައުންސިލުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް ސަރުކާރާ ހަވާލުކުރަން މިއަދު ވަނީ ނިންމާފައެވެ.

އިންތިހާބީ މޭޔަރު އާދަމް އާޒިމް ވެސް ވަނީ އެ ނިންމުމާ މެދު ކަންބޮޑުވުންފާޅުކުރައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ”ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވައިލާ“ ކަމަށެވެ.

”..ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް، ރައީސްއޮފީހުގެ ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލަން. އަދި މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރ މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ދަންނަވަން،“ އާޒިމް ވިދާޅުވިއެވެ.

 

Leave a Reply