ގދ. ތިނަދޫ ’އަލިހަވާ ޓްރޭޑާސް‘ ފިހާރައިގެ ފުރާޅުން ޓިނު ނަގައިގެން އެ ފިހާރައިގެ ސީލިން ހަލާކުކޮށްލައި، އެ ފިހާރައިގެ ކޭޝް ކައުންޓަރުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހަކު ސަލާމަތްވެއްޖެ އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ/ ދިލްބަހާރުގެ، އަހުމަދު ނިއުޝާމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލި އެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް އެ ދައުވާތައް ކުރީ 4 އޭޕްރީލް 2024 ގެ އިރު އޮއްސި 7:43 އެހާކަންހާއިރު، ’އަލިހަވާ ޓްރޭޑާސް‘ ފިހާރަ ހިންގުމާ ހަވާލުވެ ހުރި ފަރާތުގެ ހުއްދަނެތި އެ ފިހާރައިގެ ފުރާޅުން ޓިނު ނެގުމަށްފަހު، އެ ފިހާރައިގެ ސީލިންގު ފިލާ ނައްޓާލައިގެން އެ ފިހާރަށްވަދެ، އެ ފިހާރައިގެ ކޭޝް ކައުންޓަރުގެ ވަތްގަނޑުން 80,000 ދިވެހި ރުފިޔާ އާއި 1,200 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާތީ އެވެ.
ނަމަވެސް ދައުވާ ލިބުނު މީހާ ވަނީ އޭނާ އެ ވައްކަން ކުރި ކަމަށް ޝަރީއަތުގައި އިންކާރުކޮށްފަ އެވެ.
ދައުވާ ސާބިތުނުވުމަށް މެދުވެރިވި މައިގަނޑު ސަބަބުތައް:
- މި ކުށުގެ އަމަލު ހިންގީ ނިއުޝާމްކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި މައިގަނޑު ހެއްކަކީ މައްސަލައިގައި ތައްޔާރުކޮށްފައިވާ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓް ކަމަށްވީ ނަމަަވެސް، ވީޑިއޯ އެންޑް އިމޭޖް އެނަލިސްޓް ފާހަގަކުރި ގޮތަށް އެ ވައްކަން ކުރި މީހާގެ މާސްކް އަޅާފައި ހުރުމުން މޫނުގެ ސިފަތައް އެނގޭކަށް ނެތެވެ. އެހެންކަމުން އެ ހެއްކަށް ބާރުދޭނެ އިތުރު ހެކި ދައުވާ ސާބިތުކުރުމަށް ބޭނުންވެ އެވެ.
- ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ކުށުގެ އަމަލު ހިންގާ މީހާ ހަރަކާތްތެރިވަނީ އަތަށް އަންގިއެއް ފަދަ އެއްޗެއް ނުލަ އެވެ. ނަމަވެސް ފިހާރައިގެ ކައުންޓަރުގެ ވަތްގަނޑުގެ އެކި ދިމާތަކުންނާއި ހަލާކުކޮށްލާފައިވާ ސީލިންގުން ފިންގަޕްރިންޓް ސާމްޕަލް ނަގައިގެން ފުލުހުން ހެދި ތަހުގީގުތަކުން އެއިން އެއްވެސް ފިންގަޕްރިންޓެއް، ދައުވާކުރާ ނިއުޝާމްގެ ފިންގަޕްރިންޓާ ދިމާނުވާކަން ދައުލަތުން ހުށަހެޅި ލިޔުމުން އެނގެ އެވެ.
- ފިހާރައިން ވަގަށް ނެގި ކަމަށް ބުނާ ފައިސާގެ އެއްވެސް މިންވަރެއް ނައުޝާމްގެ އަތުން ނުވަތަ އޭނާއާ ގުޅުން ހުރި އެއްވެސް ތަނަކުން ވެސް ފެނިފައެއް ވެސް ނުވެ އެވެ.
މި ސަބަބުތަކަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިންސާން ނިންމެވީ ދައުލަތުން ކުރި ތިން ދައުވާ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.


