ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 90 ޕަސެންޓް އޮތީ ބޭރު މީހުންގެ އަތްމަތީގައި ކަމަށާއި ރާއްޖޭގައި ޑޮލަރު ހަރުނުލަނީ އެހެންވެގެން ކަމަށް ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ބޭރު މީހުންނާ ހިލާފަށް ދިވެހި ވިޔަފާރިވެރިންގެ ފައިސާ ރާއްޖެއަށް ވަންނަ ކަމަށާއި އެހެންކަމުން ޓޫރިޒަމް އިންޑަސްޓްރީގައި ދިވެހިންނަށް މަސައްކަތްކުރެވޭނެ މަގު ސަރުކާރުން ފަހިކޮށްދޭން ކަމަށެވެ.
ދިވެހީންނަށް ރިސޯޓު ހެދުމަށް ރަށްތައް ލިބޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭ ކަމަށާއި ރިސޯޓް ތަރައްގީކުރަން ދިވެހިންނަށް ސަރުކާރުން އެހީވުމުން ލިބޭ ފައިދާ މިހާރު ވެސް ފެންނަން ހުންނާނެ ކަމަށެވެ. އެގޮތުން ސަރުކާރުން ދިން ގެރެންޓީއަކުން ނެގި ލޯނަކުން ހެދި އޭނާގެ ރިސޯޓު، ސިޔާމް ވޯލްޑް އަކީ އެފަދަ މިސާލެއް ކަމަށް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ސިޔާމް ވޯލްޑުން މިހާތަނަށް 13 މިލިނެއްހާ ޑޮލަރު ދައުލަތަށް ލިބިފައިވާ ކަމަށާއި އެއީ އާންމު 10 ރިސޯޓެއްގެ ޓެކްސްއަށް ދައްކާ ވަރަށްވުރެ ބޮޑު އަދަދެއް ކަމަށެވެ. އެހެންކަމުން ދިވެހި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްނުދޭންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުތަކުން ދިވެހި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ސަބަބުން އޭގެ ހުރިހާ ފައިދާއެއް ލިބެނީ ބޭރުގެ ވިޔަފާރިވެރިންނަށް ކަމަށާއި އެ ފަރާތްތަކަށް ރަށްތައް މިލްކުވެ، ރާއްޖެއަށް އޭގެ ގެއްލުންވާ ކަމަށެވެ. ދައުލަތުގައި ޑޮލަރު ހަރުނުލަނީ ވެސް އެ ސަބަބާ ހެދި ކަމަށް ސިޔާމް ވިދާޅުވިއެވެ.




ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް