ކ. ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ”ބަލްމާ 6“ ނަމަކަށް ކިޔާ އެ މުދާ އުފުލާ ދޯނި ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:27 އެހާކަންހާއިރު ކަމަށެވެ.
ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދިވެއްސަކާއި ބިދޭސީއެކެވެ. އެ މީހުންގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ގެއްލިގެން އުޅޭ ދެ މީހުން ހޯދުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ އިދާރާ އިން ބުނެ އެވެ.



