މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވައިފައިވުމަކީ އިއްތިފާގެއްނޫން ކަމަށާއި އެއީ މާތް ﷲގެ މަތިވެރި ޙިކުމަތްފުޅާއި ތަދުބީރުފުޅުގެ ދަށުން އަޅުތަކުން އިމްތިޙާނު ކުރެއްވުމުގެ ގޮތުން، އެކަލާނގެ މިންވަރުކުރައްވަވާ ކަންކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”މުދަލަކީ މާތް ﷲގެ ޙައްޤެކެވެ.“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ، މާތް ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެތި ކަމަށާއި އަހަރެމެންގެ އަތްމަތީގައި މިވާ މުދަލަކީ ވަގުތީ ގޮތުން އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމަށެވެ. އަދި ދުނިޔޭގައި ކޮންމެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭ ފަދައިން، ޤިޔާމަތްދުވަހު މާތް ﷲގެ ޙަޟުރަތުގައި އެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭނެ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވައިފައިވާ އެއްޗެއް ނޫންކަމާއި އެއީ އިމްތިޙާނެއްކަން މާތް اللهُ ވަނީ އަންގަވާފައިވާ ކަމަށެވެ.
އެކަލާނގެ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރީންނަކީ، އިމްތިޙާނެކެވެ.“
ހުތުބާގައި ބުނީ, މިއީ ނުރައްކާތެރިކަން ބޮޑު އިމްތިޙާނެއް ކަމަށާއި މުދަލަށް އޮންނަ ލޯބި އޭގެ އިމުން ބޭރުވެއްޖެ ނަމަ، އެ މީހެއްގެ ދީން ހަލާކުވެ، އަޚުލާޤު ފަސާދަވެ، ﷲއާ އެ މީހަކާ ދެމެދު އޮންނަ ގުޅުން ކެނޑިދާ ކަމަށެވެ. ނަމަވެސް އަހަރެމެން އެއްކުރާ މުދަލާ މެދު ޤިޔާމަތް ދުވަހުގައި ސުވާލުވެވޭނޭކަން ކަށަވަރު ކަމަށް ބުންޏެވެ.
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވައިފައިވާ އެއް ކަމަކީ، ޙަރާމް ގޮތުގައި އާމްދަނީ ހޯދުންކަން ފާހަގަކޮށް ހުތުބާގައި ބުނީ, ރިބާކެއުމާއި ރިޝްވަތާއި މަކަރާއި ޙީލަތުން މުދާ ހޯދުމާއި ވައްކަންކުރުމާއި ޖުވާކުޅުމާއި ފޭރުމާއި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ކަންކަމުން ފައިސާ ހޯދުމަކީ، ކަނޑައެޅިގެން މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަން ކަމަށެވެ. މިއީ ހަމައެކަނި މާލީ ގޮތުން ހެދޭ ގޯހެއް ނޫން ކަމަށާއި މިއީ، އިލާހީ އަމާނާތަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, އަމާނާތެއްގެ ގޮތުގައި މާތް ﷲ ތިޔަބައިމީހުންނާ ޙަވާލުކުރައްވައިފައިވާ މުދަލުގައި، އަދާކުރާންޖެހޭ ޙައްޤުތަކަކާއި މަސްއޫލިއްޔަތުތަކެއް އެކަލާނގެ ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެންމެ ފުރަތަމަ އަދި އެންމެ އިސްކަންދޭން ޖެހޭ ވާޖިބަކީ، އަމިއްލަ އަހުލުން ކަމަށްވާ ތިމާގެ އަނބިދަރިންނާއި މައިންބަފައިންނާއި ތިމާ ބަލަހައްޓާން ޖެހޭ އެންމެހައި މީހުންނަށްކުރާ ހޭދައަށް ކަމަށް ބުންޏެވެ. އަދި އެއީ އިޖުތިމާޢީ ޒިންމާއަކަށް ވުރެ ބޮޑަށް މަތިވެރި ދީނީ ވާޖިބެއް ކަމަށްވެސް ބުންޏެވެ.
މުދާ އިސްރާފުކުރުމާއި އެ މުދާ ބޭކާރު ގޮތުގައި ހަލާކުކޮށްލުމުގެ އެއްވެސް ޙައްޤެއް އަހަރެމެންނަށް ލިބިގެން ނުވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމާއި ބޭނުމެއް ނެތް ތަކެތި ގަތުމާއި އެ ތަކެތީގެ ބޭނުންނުކޮށް ހުއްޓައި އޭގެ މުއްދަތު ހަމަވެގެން އުކާލަން ޖެހުމަކީ ވެސް، އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށެވެ.


