India police - 2026-11-28T133013.794

ނޮވެމްބަރު 3ގެ ދެ ހިދުމަތްތެރިން ކައިރި ކައިރީގައި އަވަހާރަވެއްޖެ

މ
28 ނޮވެމްބަރު 2026 13:301 މިނިޓުގެ ކިޔުން 447
Aa

ދިވެހި އަސްކަރިއްޔާއަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އަދި 3 ނޮވެމްބަރު 1988ގެ އުދުވާނީ ހަމަލާއާ ގުޅިގެން ހިތްވަރުގަދަ ހިދުމަތްތަކެއް ކުރެއްވި ސާޖަންޓް މޭޖާ (ރިޓަޔާޑް) އަހުމަދު ނަސީމް (ރީފް) އާއި އާދަމް އިބްރާހިމް މަނިކު (ބިލާލު އާދަމްމަނިކު) ކައިރި ކައިރީގައި އަވަހާރަވެއްޖެ އެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ރީފް އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާގެ ކަށުނަމާދު ކުރީ އިއްޔެ އެވެ. ބިލާލު އާދަމްމަނިކު އަވަހާރަވީ އިއްޔެ އެވެ. އޭނާގެ ކަށުނަމާދު ކޮށްފައިވަނީ މިއަދު އެވެ.

އުމުރުފުޅުން 68 އަހަރުގައި އަވަހާރަވި ރީފްއަކީ ދިވެހި އަސްކަރިއްޔާގައި އިހުލާސްތެރި އަދި ނަމޫނާ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ނޮވެމްބަރު 3ގައި އޭރު ޑިފެންސް މިނިސްޓްރީގެ ނައިބު އިލްޔާސް އިބްރާހިމް, މ. ގައްދަޑުގޭގައި ހުންނެވި އިރު, އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

އެ ދުވަހު މއ. ކިނބިގަސްދޮށުގެއިން ގެނެއި ވަޒަންތައް އެންމެ ފުރަތަމަ މެގަޒިންތަކަށް ފިލްކުރުމުގެ މަސައްކަތް ވެސް ކުރެއްވީވެސް އޭރު ޕްރައިވެޓް ރޭންކުގައި ހުންނެވި ރީފް އެވެ.

ބިލާލު އާދަމްމަނިކު އަވަހާރަވީ އުމުރުފުޅުން 79 އަހަރުގައެވެ. އޭނާއަކީ ނޮވެމްބަރު 3ގައި ހަމަލާތަކުގެ އެންމެ ކުރީ ސަފުގައި ޖިހާދުކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނާއަކކީ ސިފައިންގެ މައި މަރުކަޒު ވަށައިގެން ބަޑި ޖަހަމުންދިޔަ ވަގުތު, ދުޝްމަނުންގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރައްވައި, އެ މީހުންގެ ހަރަކާތްތައް ދެނެގަތުމަށްޓަކައި ބަހެއްގައި ސިފައިންގެ މައި މަރުކަޒުން ބޭރަށް ނުކުމެވަޑައިގަތުމަށް އިސްނެންގެވި އެއް ބޭފުޅެވެ.

އޭނާ ދިވެހި އަސްކަރިއްޔާއަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
1
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު