އެކްސިޑެންޓްވުމުން ފިލައިގެން އުޅުނު ޑްރައިވަރު ހައްޔަރުކޮށްފި

ހުޅުމާލޭގެ ފޭސް ދޭއްގެ، ވިނަރެސް ފުލެޓް ކައިރިން، ހިނގި އެކްސިޑެންޓުގައި ކާރު ދުއްވި ޑްރައިވަރު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް މިއަދު މެންދުރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާ ލިބުނީ ސައިކަލް ދުއްވަން އިން ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި މިހާތަނަށް ކުރެވުނު ތަހުގީގުން އެނގުނުގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލްނުވެގޮސް މަގުގެ އެއްފަރާތެއްގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓުވުމާއެކު ކާރު ދުއްވި މީހާ ވަނީ ކާރު ދޫކޮށް ފިިލާފައި ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެކްސިޑެންޓުވެފައި ވަނީ ރަތްކުލައިގެ ކާރެކެވެ. ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހެއްގެ ގައިގައި ޖެހި އެ މީހާ ވިއްސައިގެންދާ މަންޒަރު އެ ވީޑިއޯއިން ފެނިގެން ދެއެވެ.

އެ ކާރުގެ ފަތާއި ކުރިމައްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާއިރު، ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފަ އެވެ.

އަނިޔާވި މީހާގެ ހާލު މިހާރު ސްޓޭބަލް އެވެ. އޭނާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗުގަ އެވެ.