ޣައްޒާގައި ހަރަކާތްތެރިވަމުންދިޔަ އިޒްރޭލު ސިފައިންގެ ހަތް މީހަކު މަރާލައިފި އެވެ.
ޓައިމްސް އޮފް އިޒްރޭލުގައި ބުނެފައިވާ ގޮތުން އެ މީހުން މަރުވެފައިވަނީ ޣައްޒާގެ ދެކުނުގައި ހަރަކާތްތެރިވަމުން ދަނިކޮށް އެ މީހުން ތިބި ވެހިކަލް ބޮމަކަށް އެރިގެންނެވެ.
ވެހިކަލް ގޮވުމުގެ ސަަބަބުން އޭގައި އަލިފާން ރޯވި ކަމަށާއި ނަމަވެސް އެކަކަށްވެސް އޭގެން ނުނިކުމެވި ފިހިގެން މަރުވީ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 19 އަހަރާއި 21 އަހަރުގެ މީހުންނެވެ. އެ އެންމެންނަކީވެސް 605 ވަނަ ކޮމްބެޓް އިންޖިނިއަރިން ބެޓަލިއަންއަށް ނިސްބަތްވާ މީހުންނެވެ.



