ދުންފަތް ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމާއި ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ނޯ ޓޮބޭކޯ ޑޭގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި އެ މަނިކުފާނު ވިދާޅުވީ، ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ އިތުރުން، އޭގެ ސަބަބުން ކުރިމަތިކުރުވާ އިޖުތިމާއީ އަދި އިގުތިސާދީ މައްސަލަތަކަކީ، އާންމު ސިއްހަތަށާއި ގައުމުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކެއް ކަމަށެވެ.
އެހެންކަމުން ދުންފަތުގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމަށާއި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ތަކެތި ޒުވާނުންނަށް މާކެޓްކުރުމަށް ބޭނުންކުރާ އުކުޅުތަކާއި ދެކޮޅަށް ސަރުކާރުތަކުން މަސައްކަތް ކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.
ދުންފަތާއި ދުންފަތުގެ ބާވަތްތައް ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ހަރުދަނާ ގިނަ ފިޔަވަޅުތަކެއް ތަންފީޒުކޮށްފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ އީ-ސިގިރޭޓު މަނާކުރުމާއި ޓޮބޭކޯ-ފްރީ ޖެނެރޭޝަނަލް ބޭނެއް 2025ގައި ތަންފީޒުކުރެވިފައިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި، ”ޓޮބޭކޯ-ފްރީ ދިވެހިރާއްޖެ“ އެއް ގާއިމުކުރުމަށް، ޓޮބޭކޯ ސެސޭޝަން ހިދުމަތްތައް ފުޅާކުރުމުގެ އިތުރުން، ގާނޫނުތައް އިތުރަށް ފުޅާކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސްގެ މެސެޖުގައި ފްލޭވާޑް ނިކޮޓީން ޕައުޗާއި އޭއައި ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން މިހާރު ފުޅާވެފައިވާކަމަށް ވިދާޅުވެ، އެ ކަންކަމަށް އިތުރަށް ސަމާލުވެ، އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.







