ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރިފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރު ކަމަށް، ބޭންކިން ދާއިރާއިން ގއ. ދާންދޫ/ އަމާޒު، ޒައިނާ އަބްދުﷲ އައްޔަންކޮށްފި އެވެ.
ޒައިނާއަކީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި، ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ.
އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންއެވެ. އެމްއައިބީއާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕީސީބީގެ ސީނިއާ އޮފިސަރެއްގެ މަގާމުވެސް އަދާކުރައްވައިފަ އެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ޒައިނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވައިފަ އެވެ. އަދި އިންޑިއާގެ ޔުނިވާސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސް ހާސިލުކުރައްވާފައިވެ އެވެ.
އޭނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިން، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވާނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނެ އެވެ. ބޭންކިން ދާއިރާގެ އިތުރުން ޒައިނާއަކީ ދައުލަތުގެ ކުންފުނިތައް ހިންގުމާއި ބެލެހެއްޓުމުގެ ދާއިރާގައި ހަރުދަނާ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމާއި، އެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ގާނޫނީ ޒިންމާ އުފުލާ ޕީސީބީއަށް މެންބަރުން އައްޔަނުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.


