ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ކަށިމާ ޝާކިރަށް އަރުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ދ.ޝ.އ)، ދިވެހި ތާރީހަށާއި އަދަބިއްޔާތަށާއި ގައުމިއްޔަތަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޝްހޫރު ތާރީހީ އިލްމުވެރިއއް އަދި އަދީބެއް ކަމަށްވާ މއ. ކަށިމާ/ އަހުމަދު ޝާކިރު (ކަށިމާ ޝާކިރު) އަރުވައިފި އެވެ.

މި އިއްޒަތް ކަށިމާ ޝާކިރަށް އެރުވީ، މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ކަށިމާ ޝާކިރު ދިވެހި ދައުލަތުގެ ހިދުމަތް ފެށްޓެވީ 30 ޖުލައި 1969 ގައެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރެއްވި އިރު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގެ ވަކީލުކަމާއި ޝިޕިން މާސްޓަރު ކަމާއި ޑިރެކްޓަރު އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި ޑިރެކްޓަރު ޖެނެރަލްކަމުގެ އިތުރުން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމު ފަދަ އިސް މަގާމުތައް ފުރުއްވާފައިވެ އެވެ.

އަދި ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، ވިލާ ކޮލެޖުގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ކިޔަވައިދެއްވައި ސީނިއާ ކަރިކިއުލަމް ޑިވެލޮޕަރެއްގެ މަގާމުވެސް ފުރުއްވި އެވެ.

ކަށިމާ ޝާކިރަކީ، ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

ރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވުމާއި، ތާރީހީ ފޮތް ލިޔުއްވުމުގެ ރޮނގުން ވެސް ކަށިމާ ޝާކިރު ގެންދަވަނީ، ގިނަ ހިދުމަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި 640 ސަފުހާގެ ”ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ“ މި ފޮތާއި މި ސީރީޒްގެ އިތުރު ފަސް ވޮލިއުމް ލިޔުއްވުން ހިމެނެ އެވެ.

މީގެއިތުރުން ”އިސްލާމްދީނުގެ އަލިކަން ދިވެހިރާއްޖެއަށް ފެތުރެމުން އައިގޮތް“ މި ފޮތާއި ”ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު“ ފޮތާއި ”ދިވެހިރާއްޖޭގެ ފައިސާގެ ތާރީހު“ ފޮތުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ތާރީހު ފޮތްތަކާއި ރާއްޖޭގެ އިސް ހިދުމަތްތެރިންގެ ބައޮގްރަފީ ފޮތްތައްވެސް ވަނީ ލިޔުއްވައިފަ އެވެ.

އުމުރުފުޅުން 69 އަހަރުގައި މާސްޓާ އޮފް ޝަރީއާ ހާސިލުކުރެއްވި ކަށިމާ ޝާކިރަށް މީގެ ކުރިން ވަނީ ތަމްސީލު ކުޅުމުގެ ރޮނގުންނާއި ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި ނޫސްވެރިކަމުގެ ރިހިގަލަން، އަދި ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ދިވެހިބަހުގެ އެކެޑަމީގެ ”ހަސަން ތާޖުއްދީން އެވޯޑް“ ލިބިވަޑައިގެންފަ އެވެ.

އަދި 2025 ވަނަ އަހަރު ޝާރުޖާ އިންޓަނޭޝަނަލް ނެރޭޓަސް ފޯރަމްގެ ޝަރަފުވެރި އެވޯޑުވެސް ލިބިވަޑައިގެންނެވި އެވެ.

ކަށިމާ ޝާކިރަކީ މިހާރުވެސް ހިދުމަތުގައި ހުންނެވި، ރައީސް ޑރ. މުއިއްޒު އުފައްދަވައިފައިވާ ދިވެހި ގައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީހުގެ އިސްވާރެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަން އެވެ.

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތަކީ އައްސުލްތާން މުހައްމަދު ޣިޔާޘުއްދީނަށް ނިސްބަތްކޮށްފައިވާ އިއްޒަތެކެވެ.