އޮކްޓޯބަރ 5, 2024

ސީރިއާއިން ގެނައި ދިވެހީން ރިހެބިލިޓޭޓް ކުރެވޭނެ ކަމުގެ ޔަގީންކަން އިހްސާން ދެއްވައިފި

ސީނިއާއިން ރާއްޖެ ގެނައި މީހުން ރިހެބިލިޓޭޓް ކުރެވޭނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހްސާން ވިދާޅުވީ މީގެ ކުރިން ސީރިއާއިން ދިވެހި އެއް އާއިލާއެއް ރާއްޖެ ގެނެސް ހިންމަފުށީގައި ހުންނަ އިންޓަގްރޭޝަން ސެންޓަރުގައި ބައިތިއްބައިގެން ފަރުވާ ދިނުމަށްފަހު މިހާރު މުޖްތަމައަށް ދޫކޮށްލެވިފައިވާކަމަށެވެ. އެހެންކަމުން އިއްޔެ ސީރިއާއިން ގެނައި 21 މީހުން ވެސް ރިހެބިލިޓޭޓް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޖުތަމައުއަށް ދޫކޮށްލި އާއިލާތައް ދޫކޮށްލިތާ އަހަރެއް ވެފައިވާއިރު، އެ މީހުންގެ ފަރާތުން މުޖުތަމައުއަށް އެއްވެސް ނުރައްކަލެއް ފެނިފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ދުނިޔޭގެ އެކި ގައުމުތަކުގައި މި މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭ. ސަކްސެސްފުލީ ވަަރަށް ގިނަ ގައުމުތަކުގައި އެބަ ހުރި ރިހެބިލިޓޭޓް ކުރެވިފަ ރިއިންޓަގްރޭޓް ކުރެވިފައި.“ މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

ސީރިއާއަށްދާ ދިވެހީން އަނބުރާ ރާއްޖެ ގެންނަނީ އެ މީހުންނަކީ ދިވެހީން ކަމަށް ކަށަވަރު ކުރުމަށް ޑީއެންއޭ ޓެސްޓް ހެދުމަށްފަހުއެވެ.

ސީރިއާ އިން އިއްޔެ ގެނައި މީހުންނަކީ އެކި މިންވަރަށް ހަނގުރާމައިގެތެރެއަށް ވަދެވި، އެފަދަ ފިކުރުތައް ހުރި މީހުން ކަމަށާއި ފަރުވާ ދެމުން ގެންދާނީ އެސެސްމެންޓަކަށް ފަހު، އެމީހަކަށް އެންމެ ބޭނުންތެރި ފަރުވާ ދެނެގަނެވިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އެކި މީހުން އެކްސްޕޯސްކުރެވިފައި، އެކި ޓްރޯމާ، އެކި ވައްތަރުވައްތަރުގެ ކަންކަން މިހުންނަނީ. ސައިކޮލޮޖިކަލީ ކިހާވަރެއްގެ އިމްޕެކްޓެއްތޯ ކޮށްފައި ހުރީ، މި ހުރިހާ އެސްޕެކްޓަކުން ބަލާފައި އަޅުގަނޑުމެން މިހަދާ އެސެސްމެންޓުގެ ޒަރިއްޔާއިން ދެނެގަންނާނީ ކޮން ޕްރޮގްރާމެއްތޯ، ޕްރޮގްރާމު ހިންގަން ފެށީމަ ރިކަވަރީއަކީވެސް އެކި މީހުން ރެސްޕޮންޑު ކުރަނީ އެކި ވަރުވަރަށް“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.