ނޮވެމްބަރ 5, 2025

ފުވައްމުލަކު 400 ފްލެޓް މަޝްރޫއު: ނިންމައި ތަޅުދަނޑި ހަވާލުކުރަން އޮތް ދުވަހު އެޅީ ބިންގާ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުވައްމުލައް ސިޓީގައި ހަދަން ހަވާލުކުރި 400 ފްލެޓްގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ފުވައްމުލަކުގައި ތިން ކޮޓަރި އެޕާޓްމަންޓުގެ 400 ހައުސިން ޔުނިޓް ހެދުމަށް ހަވާލުކުރީ ކުރީ ސަރުކާރުގައި 7 އޮގަސްޓް 2023ގައެވެ. އެއީ އެ ވެރިކަން ނިމެން ތިން މަސް ކުރިންނެވެ. ޖުމުލަ 470 މިލިއަން ރުފިޔާގެ މި މަޝްރޫއު ހަވާލުކުރީ ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ދެ އަހަރު ފަހުން ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބާއި ފްލެކްސިންކް ޕްރައިވެޓް ލިމިޓެދްގެ މެނޭޖިން ޑައިރެކްޓަރު ނަޖާހު ޝަރީފެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފެށި އިރު, މަޝްރޫއު ނިންމަން ދީފައިވާ މުއްދަތު ވަނީ ފަހަނައަޅާ ގޮސްފަ އެވެ. އެގޮތުން މި މަޝްރޫއުގެ ކޮންޓްރެކްޓްގެ މުއްދަތަކީ 540 ދުވަސް ނުވަތަ އެއް އަހަރާ ހަތަރު މަހެވެ. އަމަލީ މަސައްކަތް ފަށާފައި މިވަނީ ދެ އަހަރު ފަހުންނެވެ.