މައިންބަފައިންނާ އަޅައިކިޔޭ ވަރުގެ ބަޔަކު ނުވޭ، ހެޔޮކޮށް ހިތަން ޖެހޭ!

އީދު ނަމާދުގެ ބޮޑު ޖަމާއަތަށް މީހުން ޖަމާވުން -- ފޮޓޯ: އީޓީ

އިހުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންނާ އަޅައިކިޔޭ ވަރުގެ ބަޔަކު ނުވާ ކަމަށް އެމީހުންނަށް ހެޔޮކޮށް ހިތުމަކީ ލާޒިމު ކަމެއް ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ މައިބަފައިންގެ ހައްގު ނުހަނު މަތިވެރި ކަމަށާއި ދަރީންގެ ބާއްޖަވެރިކަމަށްޓަކައި، އެ ދެ މީހުންވާ ގުރުބާނީގެ އަގު ވަރަށް ބޮޑު ކަމަށެވެ.

”އިހުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންނާ އަޅައިކިޔޭ ވަރުގެ ބަޔަކު ނުވެއެވެ. އެ ދެ މީހުންގެ ހެޔޮކަމަށް ބަދަލެއް ނުދެވޭނެއެވެ. މައިންބަފައިން ދަރީންނަށް ހެޔޮ އެދޭލެއް ބޮޑުކަމުން، އެބައިމީހުންނަށް ނުލިބޭ ނިއުމަތްތައް ވެސް ދަރީންނަށް ލިބުމަށް އެދެއެވެ. ދަރީން ހެޔޮ ގޮތުގައި ބޮޑުކުރުމަށް ޖާނާއި މާލުން ގުރުބާންވެއެވެ. މިފަދަ ބޮޑެތި ގުރުބާނީތަކެއްވާ ބަޔަކަށް ހެޔޮކޮށް ހިތުމަކީ، ދުންޔަވީ ނަޒަރަކުން ވިސްނައިލިކަމުގައި ވިޔަސް ކޮންމެހެން ލާޒިމުކަމެއް ކަމަށް އިންސާނީ ބުއްދި ގަބޫލުކުރެއެވެ..،“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އިސްލާމްދީނުގައި ވަނީ މައިންބަފައިންނަށް އޯގާތެރިވެ، އަޅައިލައި، ކިޔަމަންތެރިކަން އަދާކުރުމަށް އަމުރުކުރައްވާފައި ކަމަށާއި ކީރިތި ގުރުއާނުގެ ހަތް ތަނެއްގައި ﷲ تَعَالَى މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ތަނެއްގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަންމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންވެގެންވާ ކަމަށް ހުތުބާގައި ބުންޏެވެ.

”މައިންބަފައިންނަށް ކަމޭހިތުމީ ނަބީބޭކަލުންނާއި ޞާލިހުންގެ ޚުލުޤުފުޅެވެ. އެއީ މުސީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ހާސިލުކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއް ވެސް މެއެވެ. އެ ކަމުގެ ސަބަބުން ހިތަށް ހަމަޖެހުންލިބި، ދިރިއުޅުން ރަނގަޅުވެއެވެ..،“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ އަހަރެމެންގެ މައިންބަފައިން އަހަރެމެންނަށްޓަކައި ގުރުބާންކުރަނީ އެ މީހުންގެ އަމިއްލަ އުފާތައް ކަމަށާއި އެ ދެ މީހުންގެ އުފާތައް ގުރުބާންކޮށްފައި ވެސް ދަރީން އުފަލުގައި ބޭތިއްބުމަށް ގަދައަޅައި މަސައްކަތްކުރާ ކަމަށެވެ. އަދި ދަރީންނަށްޓަކައި އެ ދެ މީހުންގެ ހަޔާތް ގުރުބާންކުރާ ކަމަށް ހުތުބާގައި ބުންޏެވެ.