ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
އިންތިހާބީ ގޮނޑިއެއް ގެއްލުނު ނަމަވެސް އިންތިހާބެއް ގެއްލުމަކީ އެއީ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ނެތުން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވެފައި މިވަނީ, އިއްޔެ ބޭއްވި ހއ. ވަށަފަރުގެ އ.ތ.މ.ކގެ ރައީސްގެ ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރި ޒައިނާޒް އަހުމަދަށް ނާކާމިޔާބުވެ, ވަށަވަރުގެ އ.ތ.މ.ކގެ ފުރިހަމަ އަޣުލަބިއްޔަތު ޕީއެންސީއަށް ގެއްލުމުން އެ ޕާޓީގެ ތެރޭގައި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
އަބްދުއްރަހީމަކީ އެ ގޮނޑި ކާމިޔާބު ކުރުމަށް ވަށަފަރަށް ވަޑައިގެން ކެމްޕެއިންވެސް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެ ނާކާމިޔާބީ އާއެކު މުލިއާގެ ޗީފް އޮފް ސްޓާފްގެ ގޮތުގައި ހުންނެވި ރައީސް މުއިއްޒުގެ ބޭބޭފުޅު އިގުބާލް އާދަމް ވަނީ ސަރުކާރުން ވަކިކޮށްފަ އެވެ.
ވ. ތިނަދޫ އ.ތ.މ.ކގެ ބައި-އިލެކްޝަންގައި އަމިއްލަގޮތުން ވާދަކޮށް ކާމިޔާބު ހޯދި ޒީނާ އަހުމަދު ޕީއެންސީއާ ގުޅުމަށް އެ ޕާޓީގެ ހަރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ, އިންތިހާބުގެ ނަތީޖާއަކީ ވޯޓުގެ އަދަދުން ބަލާ އެއްޗެއް ކަމަށާއި އެގޮތުން ބަލާނަމަ އިއްޔެ ބޭއްވި ބައި-އިލެކްޝަންތައް ކާމިޔާބުވީ ޕީއެންސީއަށް ކަމަށެވެ.
ޕީއެންސީއަށް 1,000 އެތައް ވޯޓެއް ލިބުނުއިރު, އެމްޑީޕީއަށް ލިބުނީ އޭގެ ދެބައިކުޅަ އެއްބައި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ގޮނޑިއެއް އަޅުގަނޑުމެންނަށް ގެއްލިދާނެ. އެ ގޮނޑި ގެއްލުނު ގޮތުގެ ވާހަކަ ދައްކާކަށް ނެތިން މިތަނުގައެއް. އެއާބެހޭ ބައެއް ކަންތައްތަކެއް އެނގިފަ އޮންނާނެ ކަމަށް ގަބޫލުކުރަނީ. ނަމަވެސް އެއީ މިހާތަނަށް 100 އެތައް ބައި-އިލެކްޝަނެއްގައި ވާދަކޮށްފީމު. އޭގެ 95 ޕަސެންޓް ކާމިޔާބު ކޮށްފިން. އިންތިހާބެއް ގެއްލުމަކީ އެއީ އަދި ތާއީދެއް ނެތުމެއް ނޫން," އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, ރައީސް މުއިއްޒަށް ތާއީދު އޮތްކަން އެނގެނީ އިއްޔެ ބޭއްވި އައްޑޫ އަތޮޅު ހުވަދޫ އ.ތ.މ.ކގެ ބައި-އިލެކްޝަން ޕީއެންސީއަށް ކާމިޔާބުވުން ކަމަށެވެ. އެގޮތުން އެ ދާއިރާއަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވަރަށް ދަށް ނަތީޖާއެއް ލިބުނު ރަށެއްކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
"އޭގެން ދޭހަވަނީ ރާއްޖޭގެ ބޮޑެތި އާބާދީތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު އިތުރުވަމުންދާކަން. އެހެންވީމަ އަޅުގަނޑުމެން ކުރަންވީ ކަމަކީ އެއް ވާނެއްގައި ހިފަހައްޓާލާފައި ބާރަށް ކުރިއަށްދާންވީ. އިރާދަކުރެއްވިއްޔާ ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ދެވަނަ ދައުރަކަށް އިންތިހާބުކުރާ ވެރިއަކަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެގެން ދިއުން އެއީ ދުއާއަކީވެސް އެ މަގުން މަސައްކަތް ކުރާނީވެސް.," އަބްދުއްރަހީމް ވިދާޅުވި އެވެ.











ކޮމެންޓް